c
މިއީ ވިލާކޮލެޖުގެ ފަރާތުން ހިންގާ ބެޗްލަރ އޮފް
އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަށުންކިޔަވާ މޯލްޑިވިއަން
ސްޓަޑީޒް (ED501) މި މާއްދާ ފުރިހަމަ ކުރުމުގެ ގޮތުން "ދިވެހިންނަކީ
ގުޅިގެން މަސައްކަތްކުރުމުގެ ނަމޫނާ ބަޔެކެވެ." މި މަޥްޟޫޢުގެ މައްޗަށް
ދިރާސީ މަޒުމޫނެއް ލިޔަން ޖެހުނު ހިނދު އަޅުގަނޑު ލިޔެ އެކުލަވާލި މަޒުމޫނެކެވެ.
c
ދިވެހިންނަކީ
ގުޅިގެން މަސައްކަތްކުރުމުގެ ނަމޫނާ ބަޔެކެވެ
ފެށުން
ދިވެހިންނަކީ އެމީހުންނަށް ޖެހޭ ހުރިހާ ކަމެއްގައިވެސް، ހުރިހާ
މުހުތާދު ތަކެއްފުއްދުމުގައިވެސް އެންމެން ގުޅިގެން ވަރަށް އެކުވެރިކަމާއި އެކު
މަސައްކަތްކޮށް ވަރަށް އާދާޔާ ޚިލާފު ނަމޫނާތަކެއް ވޭތިވެދިޔަ މާޒީގައި ދުނިޔެއަށް
ދައްކައިދީފައިވާ ބައެކެވެ. މިގޮތުން ކުރެވޭ މިފަދަ މަސައްކަތުގައި ދިވެހިން
އަބަދުވެސް ތިބެނީ އެމީހުންގެ ޖާނާއި މާލުން ޤުރުބާންވާން ތައްޔާރަށެވެ. ކުދިކުދި ޢާއިލާތަކުން ފެށިގެން ޖެހިގެން
ހުންނައަވަށްޓެރިޔާ ހިމެނިގެންދާގޮތުން ތިމާގެ ރަށާއި އަތޮޅާއި މުޅި ދިވެހިޤައުމު
މީގެތެރެއަށް ހިމެނިގެންދާގޮތުން، ބޮޑުކަމެއްޖެހިއްޖެ ކޮންމެ ހިނދެއްގާ
އަބަދުވެސް އެންމެން އެކީ އެކައްޗަކަށް ނުކުމެ ގުޅިގެން މަސައްކަތްކޮށް
ކަންތައްތައް ޙާޞިލްކޮށްފައިވަނީ އެއްފަހަރަކު ދެފަހަރަކުނޫނެވެ.
މިގޮތުން މިހާތަނަށް އަޅުގަޑުމެންގެ ޤައުމަށް
ދިމާވި ތަފާތު ބޮޑެތިކަންތައްތަކުގައި ދިވެހިންވަނީ ގުޅިގެން މަސައްކަތްކުރުމުގައި
މުޅިދުނިޔެއަށްވެސް ލާމަޘީލު ނަމޫނާތަކެއް ދައްކާފައެވެ. އުފާވެރިކަމާއި،
ހިތާމައާއި ބޮޑެތި ކާރިޘާތަކާއި އަދި ޤައުމީގޮތުން ކުރަންޖެހޭ ތަފާތު
މަސައްކަތުގައި ދިވެހިން އަބަދުވެސް ތިބެނީ ގުޅިގެން މަސައްކަތްކުރުމަށް އަތުކުރި
އޮޅާލައިގެންނެވެ. މިފަދަކަންކަމުން ފެނި އަދި ހާމަވެގެންދަނީ މިއީ
ދިވެއްސަކަށްވީތީ ދިވެހިންގެ ލޭގައި ހަރުލައި، ހިތުގައި ބިންވަޅުނެގިފައިވާ
ކަންކަންކަމުގައެވެ. ތިމާމެންގެ ޙިޔާލު އެކިއެކިކަންކަމުގައި ކިތަންމެ
ތަފާތުވިއަސް ޤައުމީ ބޮޑެތި ކަންތައްތަކުގައާއި ރާއްޖެއަށް ދިމާވާ ބޮޑެތި
ކާރިޘާތަކުގައި ދިވެހިން ދައްކައިދިފައިވަނީ ވަރަށްވެސް ތަފާތު މަންޒަރުތަކެކެވެ. އެފަދަ
ކަންތައްތައް މާޒިގައިކޮށް ފައިވާ ފަދައިން މިހާރުވެސް ކުރެވެމުންދެއެވެ.
މިދިރާސީ މަޒުމޫނުގައި ދިވެހިންނަކީ ގުޅިގެން
މަސައްކަތްކުރުމުގައި ލާމަޘީލު ބައެއްކަން ހާމަކުރުމުގެ ގޮތުން ކޮށްފައިވާ އަދި
ކުރަމުންގެންދާ ބައެއް މަސައްކަތް ތަކަށް އަލިއަޅުވާލާފައިވާނެއެވެ. މިގޮތުން
މިހާތަނަށް ދިވެހިންގުޅިގެން ކޮށްފައިވާ ފާހަގަކޮށްލެވޭ ބައެއްއާދަޔާޙިލާފު ބޮޑެތިކަން
މަސައްކަތްތަކުގެ މައްޗައް ބަލާލެވިފައިވާނެއެވެ. މީގެ އިތުރުން ދޭދޭ ފަރުދުންނާއި
ޢާއިލާގެ މެމްބަރުންގެ މެދުގައި ގެންގުޅެމުންދާ ގުޅުމާއި ތަފާތު މަސައްކަތްތައް
ކުރުމުގައި ދައްކައި ދީފައިވާ ރިވެތި ނަމޫނާތަކާއި އެފަދަ ބައެއްމަސައްކަތްތަކުގެ
މައްޗަށްވެސް މިދިރާސީ ލިޔުމުގައި ބަލާލެވިފައިވާނެއެވެ.
މައިގަނޑު
ޢާއިލާ
ދިވެހިން
ގުޅިގެންކުރާ މަސައްކަތްތައް ފެށިގެންދަނީ އެމީހުންގެ ކުދިކުދި ޢާއިލާތަކުގެ
ތެރެއިންނެވެ. ޢާއިލާގެ ހުރިހާ މީހުން ދިރިއުޅެމުންދާ ގޭގޭ ހަތަރުފާރުގެ
އެރެތެއިންނެވެ. ޢާއިލާގެ ދޭދޭމީހުންގެ ހާލުބެލުމާއި، ތަފާތު މުހުތާދުތައް
ފުއްދައި ދިނުމުގައި ޢާއިލާގެ އެކަކު އަނެއްކަކަށް ވާގިވެރިވެދީ އުޅޭ
ހިސާބުންނެވެ.
މިގޮތުން
ބަލާއިރު އަންހެނަކު ބަލިވެ އިނުމާއި ވިހެއުމަކީ އެކަމާއި ގުޅިގެން އެތައްކަމެއް
އާދަކާދައިގެ ގޮތުގައި ކުރެވޭއަދި ވަރަށް ގިނަބައެއްގެ އެއްބާރުލުން ބޭނުންވާކަމެކެވެ.
ޒުލްފާ އިބްރާހިމް (2006) ބަޔާން ކުރައްވާ ގޮތުގައި، އަންހެނަކު ބަލިވެ އިނުމާއި
ވިހެއުމުގެ ކަންތައްތަކުގެ ތެރެއިން ޢާއިލާގެ ތެރޭގައި އޮންނަ ގުޅުން ވަރަށް
ރަނގަޅަށް ފެނިގެންދެއެވެ. ބަލިވެ އިނުމާއި ވިހެމާއި ގުޅިގެން ބޭއްވޭ އެކި އެކި
ރަސްމުތަކުގެ ތެރޭގައި ޢާއިލާގެ މީހުންގެ ބައިވެރިވުން އޮންނަގޮތާއި
އަވަށްޓެރިންގެ ފަރާތުންދޭ އެހީތެރިކަމަކީ މިޒަމާނަށް ނަމޫނާއެކެވެ. މިފަދަ މަންޒަރެއް ސިފަކުރުމުގެ ގޮތުން ޢަލީ
ސުލައިމާނު (2011) ލިޔުއްވާފައިވާ ގޮތުގައި ، ގޭތެރެ
ތައްޔާރުކުރުމާއި ހޫނުފެންކެއްކުމާއި އަލަފަތްހޯދުމާއި މިހެންގޮސް ބޭނުންވާ
ކަންތައްކުރާނެ މީހުން އޮންނާނީ ގިނަވެފައެވެ. ޚިދުމަތްކުރަން އައިސްތިބޭ ޢާއިލާގެ
މީހުންނާއި އަވައްޓެރީން އެމީހުންނަށް ކުރަންވީ ކަންކަން ދެއްކުމުގެ ކުރީން
ބުނެކިޔުމަކާއި ނުލައި އެކަމެއްކޮށް ނިންމާލައެވެ. ޒުލްފާ އިބްރާހިމް (2006)
ބަޔާންކުރައްވާ ގޮތުގައި އެޒަމާނުގައި އަވައްޓެރިޔަކު ބަލިވެއްޖެނަމަ ދެންތިބި
އެންމެން އޭނާއާއި އެހީވެ އަޅާލައެވެ.
ނަކަތްލެއްވުމަކީވެސް
އާއިލީ ބޮޑު ޖަމާވުމެވެ. އެކަމުގެ ތެރޭގައި ވަރަށްގިނަ ބުރަ މަސައްކަތްތަކެއް
އެކުލެވިގެންދާ ކަމެކެވެ. ނަކަތްލައްވާގެ ހެދުމާއި އެތަންޒީނަތްތެރި ކުރުމާއި،
މިދުވަސްވަރު ބޭނުންވާނޭ ކާއެއްޗެއްސާއި އެހެނިހެން ސާމާނު ހޯދާ
ތައްޔާރުކުރުމުގައި ޢާއިލާގެ އެންމެން ބައިވެރިވެ މަސައްކަތް ކުރާނެއެވެ. ޢާއްމުކޮށް
ކުދިން ނަކަތްލައްވަނީ އެކުދިންގެ އާއިލާތަކުގެ ތެރޭގައިތިބޭ ނަކަތްލައްވާ
އުމުރުގެ ހުރިހާ ކުދިން އެކުގައެވެ. ނަކަތްލެއްވުމުގެ އާދަކާދައާއި ބެހޭގޮތުން އަޙުމަދު
ޝަފީޤު(2000) ބަޔާންކުރައްވާގޮތުގައި ނަކަތްލެއްވުމަށްފަހު އެކުއްޖާ ފަސޭހަވެ
ގަދަވާންދެން އާއިލާގެ މީހުންނާއި ރައްޓެހީން ދަންބަހައިގެން ކުއްޖާގާތުގައި
ހޭލަތިބެއެވެ. މުޙައްމަދު އިބްރާހިމް ލުޠުފީ(1991) ވިދާޅުވަނީ އިބުނި ބަޠޫތާ
ރާއްޖޭގައި އުޅުއްވި ދުވަސްވަރުވެސް ނަކަތްލައްވައިފިނަމަ ވަރަށް ބޮޑުޖާފަތެއްދީ
10 ދުވަސް ވާންދެން އެގެއަށް ވަންނަ އެންމެންނަށް ކާންދީ ހަދާކަމަށެވެ.
އިސްވެބަޔާން
ކުރެވުނު ކަންކަމުގެ ތަރެއިން ޢާއިލާގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ފެނިގެން
ދެއެވެ. މިފަދަ ބޮޑެތި މުނާސަބަތުތައް ފާހަގަ ކުރުމުގައި އެކަކުއަނެއްކަކަށް
އެހީވެ ޢާއިލާގެ އެންމެން އެކަމުގައި ޖާނިމުވެ ވަރަށް ހީވަގިކަމާއި މުރާލިކަމުގައި
މަސައްކަތްކޮށް އުޅެއެވެ. މިއީ ދިވެހި ޢާއިލާތަކުގެ ތެރެއިން ޢާއްމުކޮށް
ފެންނަމުންދާ މަންޒަރުތަކެކެވެ. ޙާއްޞަގޮތެއްގައި ޢާއިލާތަކަށް ދިމާވާ
އުފާވެރިކަންކަމުގައްޔާއި ހިތާމަވެރި ޙާލަތްތަކުގައި ގުޅިގެން އެކަކު އަނެކަކަށް
އަޅާލާ އެހީތެރިވެދީ، އެފަދަ ޙާލަތްތަކުގައި ދައްކަމުންދާ އެކުވެރިކަމާއި
ގުޅުން ތެރިކަމަކީ ހަމަ ކޮންމެ ބަޔަކަށްވެސް ނަމޫނާ ލާމަޘީލު މިސާލު ތަކެކެވެ.
އަވަށްޓެރިން
މިއަށްވުރެ
މިމަންޒަރު ބޮޑުކޮށްލާއިރު މީގެތެރެއަށް އިތުރުވެގެންދަނީ ޖެހިގެން ހުރި ގޭގޭގައި
ތިބި އަވަށްޓެރިންނެވެ. ގޭގެ ބަދިގޭ އުނދުންމަތީގައި ހުރި ބަތްތަވާގެ ފޫ
ކަހާލާއަޑަށް ޖެހިގެން ހުރި ގެއިން ބަތް ހިފައިގެން އަންނަކަމަށް އަޙްމަދު ނާފިޢު
(2011) ހާމަކުރައްވަފައިވެއެވެ. މީގެން މި ހާމަކޮށްދެނީ އަވަށްޓެރިންގެ މެދުގައިވާ
ބަދަހި ގުޅުމެވެ. އަވަށްޓެރިން އަބަދުވެސް ތިބެނީ ތިމާގެ އަވައްޓެރިޔާއަށް ދިމާވާ
ކޮންމެކަމެއްގައިވެސް އެމީހަކަށް ވެވުނު ވަރަކުން އެހީ ތެރިކަން
ދޭންތައްޔާރަށްކަމެވެ. ތިމާގެ އަމިއްލަ މުޙުތާދުތައް ފުއްދުމަށްވުރެ ބޮޑު އަހައްމިއްޔަތުކަމެއް
އަވަށްޓެރިޔާގެ މުޙުތާދުތައް ފުއްދުމުގައި ދީއުޅެތެވެ. ކުދިކުދި ކަންތައްތައްތަކުން ފެށިގެން ބޮޑެތި
ކަންތައްތަކުގައި އަވަށްޓެރިން އެކަކު އަނެއްކަކަށް އެހީތެރިވެ ދީ އުޅެއެވެ.
އަވަށްޓެރިން
ގުޅިގެންކުރާ މަސައްކަތްތަކަށް ބަލާއިރު ދިވެހި އަންހެނުންގެ މަސައްކަތްތަކާއި
އެބައިމީހުންގެ ދެމެދުގައި އޮންނަގުޅުން ފާހަގަކޮށްލެވެއެވެ. ދިވެހި
އަންހެނުންނަކީ އެމީހުންގެ ޒިންމާގެ ދަށުގައިވާ ގެވެހި ހުރިހާ
މަސައްކަތެއްގައިވެސް ފާހަގަކުރެވޭ ހީވާގި ބައެކެވެ. ދިވެހި އަންހެނުންގެ ގެވެހި
ދިރިއުޅުމާއި މެދު ޕިރާޑް ޑިލަވާލާއި ޙަވާލާ ދެއްވައި މުޙައްމަދު އިސްމާޢީލް ދީދީ
(1995) ވިދާޅުވަނީ، ދިވެހި އަންހެނުންނަށްވުރެ ގެވެހިއަންހެނުންގެ ބަޔަކު ދުނިޔޭގެ
ތާކުން އޭނާ ނުދެކޭކަމަށެވެ. ދިވެހި އަންހެނަކު އޭނާގެ ފިރިމީހާއަށް ކުރަންޖެހޭ
ޚިދުމަތެއް އެހެންމީހަކު ލައްވާ ނުކުރުވާ ވާހަކައެވެ. އަދިވެސް އޭނާވިދާޅުވެފައި
ވެއެވެ. ޅަކުދީންނަށް ކިރުދީ ބެލެހެއްޓުމުގެ ކަންކަމުގައި ރީތި އާދަތައް ދިވެހި
ރާއްޖެ ނޫންތަނަކުން އޭނާ ދެކި ނުލައްވައެވެ. މިފަދަ ހީވާގިބަޔަކު އެކުވެގެން
އަވަށްޓެރިންގެ ގޮތުގައި އެކަތިގަނޑަކަށްވެގެން ކޮށްފައިވަނީ އެކަންތައްތައްތަކަކަށް
ދިވެހިން އެންމެން ފަޚުރުވެރި ވާންޖެހޭފަދަ މަސައްކަތްތަކެކެވެ.
މިގޮތުން
ބަލާއިރު ދިރިއުޅޭވެށި ސާފުކުރުމުގެ ގޮތުން ދިވެހި އަންހެންވެރިން ކޮންއުޅުނު
މަސައްކަތް ތަކުގެ ތެރެއިން ފޫޓުކުނިކަހާ ސާފުކުރުމުގައި އިސްކޮށްފައިވާ
އެއްބައިވަންތަކަމާއި ގުޅިގެންމަސައްކަތްކުރުމުގައި ދައްކައިދީފައިވާ ރިވެތި
ނަމުނާ ފާހަގަކޮށްލެވެއެވެ. މިގޮތުން ހަމައެކަނި
ތިމާގެ ފޫޓު ތިމާ ކުނިކެހުމުގެ ބަދަލުގައި އަވަށްޓެރިން އެކުވެގެން އަވަށްޓެރި ހުރިހާ
ގެއެއްގެ ފޫޓު ކުނިކެހުމުގައި އުފަލާއިއެކު ބައިވެރިވެއެވެ. މިކަންކަން ކުރަނީ ތަންތަނާއި މަގުތައް
ސާފުތާހިރުކޮށް އަބަދުވެސް ބޭއްވުމަކީ އެމީހުން އެންމެ ހިތްއުފާވާ
ކަންތައްކަމުގައި ދެކިގެންނެވެ.
އަވަށް
ބޮޑުވަމުން
މިއަންނަ މަންޒަރު އިތުރައްފުޅާ ކޮށްލައިފިނަމަ ދެން މީގެ ތެރެއަށް އިތުރުވެގެންދާނީ،
އަވަށްޓެރިން ނިސްބަތްވާ އަވަށްތަކުގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުންތަކެވެ. ރަށެއްގެ
ރައްޔިތުންގެ މެދުގައި އުފެދިގެން އަންނަ އަވަށު ވާދަވެރިކަމަކީ އެރަށެއްގެ
ތަރައްޤީގެ މަސައްކަތުގައި ކާމިޔާބީ ޙާޞިލްކޮށްދޭ އަދި އުސްމިންތަކަކަށް އެރަށެއް
ގެންގޮސްދިނުމުގައި މެދުވެރިވާ ސަބަބެއްކަމުގައި ފާހަގަކުރެވެއެވެ. މިގޮތުން
ބަލާއިރު ރަށުގެ ބޮޑެތިމަގުތައްކުނިކެހުމާއި، ރަށުފެންވަރުގައާއި
ޤައުމީފެންވަރުގައި ފާހަގަކުރެވޭ ތަފާތު މުނާސަބަތުތައް ފާހަގަ ކުރުމުގެ ސަބަބުން
އެރަށަކަށް އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ އަދި ޢުމްރާނީ ގޮތުން ގިނަގުނަ
ފައިދާ ތަކެއްލިބިގެން ދެއެވެ. މިފަދަ ކަންކަމުގައި އަވަށުގެ ކުދިބޮޑު އެންމެން
އަބަދުވެސް ތިބޭނީ ފޫގަޅައިލައިގެންނެވެ. މިފަދަ މަސައްކަތްތަކުގައި އަވަށު
ވާދަވެރިކަން އިތުރުކޮށްލުމުން އެތައްގުނައަކަށް ފޯރިގަދަވެ އެކަންކަމުގައި
ރައްޔިތުންގެ ބައިވެރިވުންވެސް އިތުރުވެގެންދާކަމަށް އަޙުމަދު ޙުސެއިން (ތ.ނ)
ލިޔުއްވާފަވެއެވެ. ޤައުމީ ބޮޑެތި ޙަރަކާތްތަކުގައި
މާލޭގެ ހަތަރު އަވަށުގެ މެދުގައި ކުރެވިފައިވާ ބޮޑެތި ބިޔަ މަސައްކަތްތަކަކީ މި
ރޮގުން ފާހަގަ ކޮށްލެވޭ މަސައްކަތް ތަކެކެވެ.
މިގޮތުން
ހުޅުލޭގެ ވައިގެ ބަނދަރުހެދުމުގެ މަސައްކަތުގައި މާލޭގެ ހަތަރު އަވަށުގެ މެދުގައި
ވާދަވެރިކަމާއި އެކު ކުރެވިގެން ދިޔަމަސައްކަތްތައް ފަވާލެވެއެވެ. ޢަބްދުﷲ ޙަމީދު
(1966) ލިޔުއްވާފައިވާ ގޮތުގައި އެއަރޕޯރޓްގެ މަސައްކަތުގައި 1800 ފޫޓް 100 ފޫޓްގެ
ގޮޅިގޮޅި ކޮނެނިންމާލުމުގައި ދޭދޭ ފަރުދުންގެ މެދުގައްޔާއި ޖަމްޢިއްޔާ
ޖަމާޢަތްތަކާއި އަވަށްތަކުގެ މެދުގައި ވާދަވެރިވެ މަސައްކަތް އަވަސްވެގެން
ދިޔަކަން ފާހަގަކުރެވިފައި ވެއެވެ. މިގޮތުން ހެންވޭރު މީހުންވެސް ކޮނުމުގެ
މަސައްކަތުގައި ބައިވެރިވެ ފަތިހު 5:02 ގައި ފެއްޓި މަސައްކަތް 26 މިނިޓުން
ނިންމައިލިއެވެ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011) ހާމަކުރައްވާފައިވާ
ގޮތުގައި ހުޅުލޭ އެއަރ ފޯޓް ހެދުމުގެ މަސައްކަތަށް ފޯރި ދިނުމުގެ ގޮތުން މާލޭގެ
އަވަށްތަކުގެ ފަރާތުން އަންހެންވެރިން ތަފާތު ވައްތަރުތަކުގެ ފަންޏާއި
ސަރުބަތުތައް ހިފައިގެންއައިސް މަސައްކަތުގައި އުޅޭ މީހުންނަށް ދީ ހަދައެވެ. މިފަދަ
ކަންތައްތަކުގެ ސަބަބުން މަސައްކަތައް އިތުރު ފޯރިއާއި ޖޯޝު ލިބިގެން ދާނެ ކަމީ ޝައްކެއްހުރި
ކަމެއްނޫނެވެ.
ރަށް
މި
ދިރާސީލިޔުމުގައި ފުޅާކުރަމުން މިދާ މަންޒަރަށް ދެން އިތުރުވެގެން މިދަނީ
ރަށުފެންވަރުގައި ކުރެވޭ މަސައްކަތްތަކެވެ. މިބައިގާބޮޑަށް ފާހަގަ ކުރެވެނީ ތަފާތު
ދާއިރާތަކުން ރަށުގެ ރައްޔިތުން އެމީހުންގެ ރަށުގެ ތަރައްޤީ އަށާއި ރަށުގެ
ކުރިއެރުމަށް އެންމެން އެކުވެގެން ކުރެވެމުންދާ މަސައްކަތްތަކެވެ. އަޙުމަދު
ޙުސެއިން (ތ.ނ) ފާހަގަ ކުރައްވާގޮތުގައި ޢުމްރާނީ
ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި އަދި އިޖްތިމާޢީ ރޮނގުރޮނގުން ތަފާތު
ކުރިއެރުންތައް ރަށްތަކުން ހޯދަމުން ދަނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވޭ
މަސައްކަތް ތަކުންނެވެ. މިގޮތުން ރާވައިގެން ކުރެވޭމަސައްކަތުގައި ދެފަރާތައްވެސް
ލުއިކަމާއި ފަސޭހަތަކެއް ލިބި އަދި ކުރެވޭ މަސައްކަތަކީ ރައްޔިތުން ބަލައިގަންނަ
މަސައްކަތްތަކެއްކަމުގައި ވެގެންދެއެވެ. މިފަދަ މަސައްކަތްތައް ރަށްރަށުން
ކާމިޔާބުކޮށްފައި ވަނީ 'ރަށްވަންތަ' ލޯބީގައި ވަރަށް ހިތްމަތާއިއެކު މަސައްކަތް
ކޮށްގެންނެވެ.
ތަރައްޤީގެ
މަޝްރޫޢުތަކުގެ އިތުރުން ތަފާތު މުނާސަބަތުތައް ފާހަގަކުރުމުގައި ދޭދޭރަށްރަށުން
ދައްކާ ރިވެތި ނަމޫނާ ތަކަކީ ފާހަގަކޮށްލެވޭފަދަ ކަންކަމެވެ. ބޮޑު ޢީދު ނުވަތަ
ސަރުކާރުގެ ތަފާތު ވުޒާރާތަކުން ފާހަގަކުރައްވާ ޚާއްޞަ ދުވަސްތައްފަދަ ކަންކަމަކީ
އެރަށެއް ނިސްބަތްވާ ރަށުގެ ކުދިބޮޑު ހުރިހާ އެންމެން ވަރަށް ގުޅިގެން ފޯރިއާއި
އެކުމަސައްކަތްކޮށްގެން ފާހަގަކުރާ ދުވަސްތަކެކެވެ. ރަށައް އަރާ ހުރިހާ
މެޙެމާނުންނަށް ޙިދުމަތް ދިނުމުގައި ހިނިތުންވުމާއި އެކު އެންމެން ގުޅިގެން
މަސައްކަތްކުރާނެއެވެ.
މީގެ އިތުރުން،
އަތޮޅުގެ ރަށްރަށައް ދިމާވާ އެކިއެކި ކާރިޘާ ތަކުގައާއި ތަފާތު ޙާލަތްތަކުގައި
ދޭދޭ ރަށްރަށުގެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް ގުޅިގެން އެކުވެރިކަމާއި އަޙުވަންތަކަމުގައި
މަސައްކަތްކޮށް އުޅެތެވެ. އަޙްމަދު ނާފިޢު
(2011) ހާމަކުރައްވާ ގޮތުގައި، ރަށްރަށުގެ މީހުން އަބަދުވެސް ކައިރި ރަށަކުން
ބޮޑުކަމެއް ޖެހިގެން ކަމަކަށް އެދޭނަމަ އެކަމެއްގައި އެހެން ރަށްރަށުގެ
ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެ އެވެ. ތަފާތު ބޮޑެތި ކާރިޘާގެ
ވަގުތު ތަކުގައި ރަށްރަށުގެ ރައްޔިތުން މިހާތަނަށް ދައްކާފައިވަނީ ވަރަށް ރިވެތި
ނަމޫނާ އެކެވެ. މީގެ ރީތިއެތައް މިސާލުތަކެއް ފެނިގެން ދިޔައީ 2004 ގައި ދިމާވި
ސުނާމީ ކާރިޘާގެ ތެރެއިންނެވެ. މިފަދަ ވަރަށް ރީތި އެއް މިސާލެއްފެނިގެން ދިޔަ
އެއްރަށެއްކަމުގައި މުލަކަތޮޅު ރަންމަންދުއާއި މަޑިފުށީގެ މީހުން ދިވެހިރާއްޖެ
އަށް ކުރިމަތިވި ސުނާމީގެ ކާރިޘާ ހިނގި ދުވަހުވަނީ ދައްކައިދީފައެވެ.
ޢަބުދުލް
މަތީނު (2005) ލިޔުއްވާފައިވާ ގޮތުގައި މިދެރަށުގެ ރައްޔިތުންނަކީ އަބަދުވެސް
ވަރަށް އެކުވެރިކަމާއި އެކު ދެބައިމީހުން އެކުވެގެން ތަރައްޤީ ހޯދުމަށް މަސައްކަތް
ކުރަމުންދާ ވަރަށް އެކުވެރި ބައެއް ދިރިއުޅެމުން ދިޔަބައެކެވެ. އެދުވަހުގެ
ސުނާމީގެ ސަބަބުން މަޑިފުށީގެ ރައްޔިތުންގެ މާޒީއާއި ދިރިއުޅުން އެބިޔަރާޅުތަކުގެ
ބާނީގައި މާސިންގަކަނޑަށް އޮޔާ ގެންބިގެންދިއުމުން މަޑިފުށީގެ ރައްޔިތުން ސަލާމަތް
ހޯދުމަށް އެންމެ ފުރަތަމަވެސް ޚިޔާރުކުރީ އެވަގުތު ފަސޭހައިން ހިނގާލާފައި ދެވެން
އޮތް ރަތްމަންދޫއެވެ. ސުނާމީގެ ކާރިޘާއަށް ފަހު މަޑިފުށީގެ ކުދިބޮޑު ހުރިހާ
ރައްޔިތުން ރަތްމަންދުއަށް އައުމުން ރަތްމަންދޫގެ ވެރިންނާއި އެންމެހާ ރައްޔިތުން
މަޑިފުށީގެ ރައްޔިތުން ބަލައިގަތީ ރަތްމަންދޫގެ ރައްޔިތުންނެކޭ އެއްވެސް
ތަފާތުކުރުމެއްނެތި ވަރަށް އޯގާވެރިކަމާއި އެކުގައެވެ. މި ކާރިޘާގެ ތެރޭގައި
މަޑިފުށިން ގެއްލުނު ދެމީހުން ހޯދުމުގައާއި މަޑިފުށިން އޮޔާދިޔަ ސާމާނުތައް
ހޯދުމުގައި ރަތްމަންދޫގެ ރައްޔިތުން ދެއްކީ ގުޅިގެން މަސައްކަތްކުމުގެ ނަމުނާ
މިސާލުތަކެއްކަމުގައި ޢަބުދުލް މަތީނު (2005) ލިޔުއްވާފައިވެއެވެ.
މީގެ
އިތުރުން އެދުވަހު ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި ސުނާމީގެ ސަބަބުން ޙާލުގައި
ޖެހިފައި ތިބި އެތައް އެތައް ރަށްރަށެއްގެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި
ރަށްރަށުން ގުޅިގެން މަސައްކަތް ކޮށްފައިވާނީ އާދަޔާއި ޚިލާފު ރޫޙެއްގައެވެ. މިކާރިޘާއިން
ސާބިތުވާއެއްކަމަކީ އެބައިމީހުންގެ މެދުގައިވާ އިޖްތިމާޢީ ރޫޙުގެ ސަބަބުން ބޮޑެތި
ކަންކަން ދިމާވުން އެއްބަޔަކު އަނެއްބަޔަކަށް ވެދޭ އެހީއާއި ގުޅިގެން
ކުރާމަސައްކަތެވެ. ސުނާމީގެ ކާރިޘާ އިން
ރަނގަޅު ޢިބްރަތެއް މިރޮނގުން ލިބުނު އެއްބަޔަކީ ދިވެހިން ކަމަށް ބޭރުގެ
ޢިލްމިވެރީން ހާމަކުރައްވާކަމަށް އަޙްމަދު މުޢާވިން (2009) ލިޔުއްވާފައިވެއެވެ.
ޤައުމު
މި
ދިރާސީލިޔުމަށް ދެން އެންމެ ފަހުން މި އިތުރުކޮށްލަނީ ދިވެހިންގެ ދޭދޭ
ޢާއިލާތަކާއި، އަވަށްޓެރިންނާއި، އަވަށްތަކާއި ރަށްތައް ސާމިލުވެގެން
ފުޅާވަމުންދިޔަ މަންޒަރުގެ ތެރެއަށް މިއެންމެން ހިމެނިގެންދާ މުޅި ދިވެހި ޤަމެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ގާތް، އެއްބަނޑު އެއްބަފާ އަޚްވަންތަ ބައެއްގެ
ގޮތުގައި ދިރިއުޅެމުން އައިބައެއްކަމަށާއި އަދި އެކަކަށް ލިބޭ އުފަލަކާ
ހިތާމައެއްގައި އަނެކެއްގެ ބައިވެރިވުން އޮތް ބައެއްކަމަށް އަޙްމަދު ނާފިޢު (2011)
ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ކުރާ ކޮންމެ
ކަމެއްގައި ރައްޔިތުން އެކަތި ގަނޑަކަށްވެ އެކަމެއް ނިންމާލާކަމާއި، ކައިރި
ރަށަކުން ބޮޑުކަމެއް ޖެހިގެން ކަމަކަށް އެދޭނަމަ އެކަމެއްގައި އެހެން ރަށްރަށުގެ
ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިންގެ އާދައެއް
ކަމަށްވެސް އަޙްމަދު ނާފިޢު (2011)
ލިޔުއްވާފައިވެއެވެ. މިފަދަ ޖޯޝެއްގައި ތިބޭބަޔަކަށް ޤައުމީތަފާތު ކަންކަމުގައި
ގޮވާލެވޭ ހިންދު އިޖާބަދެނީ އެމީހެއްގެ ޖާނާއި މާލުންނެވެ.
ޤައުމީ
ފެންވަރުގައި ދިވެހިންގުޅިގެން ކޮށްފައިވާ ބައެއްމަސައްކަތުގެ ތެރެއިން ދިވެހިންގެ
އެއާރ ޕޯޓުހެދުމުގެ މަސައްކަތަކީ މިރޮގުން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011) ލިޔުއްވާފައިވާގޮތުގައި ދިވެހި ސަރުކާރާއި އިނގިރޭސި ދައުލަތާ ދެމެދު
ޖެހުނު މައްސަލަތަކެއް ގެ ސަބަބުން ދިވެހި ރާއްޖޭގައި ދިވެހީންގެ ހުއްދަޔާއެކު
އިގިރޭސިން ޤާއިމުކުރި އެންމެ ފުރަތަމަ ދަގަނޑު ފިލާ އެޅި ރަންވޭ ބޭނުންކުރަން
ފެށިތާ އެންމެ 4 އަހަރު ދުވަހުގެ ތެރޭގައި އެތަނުގެ ބޭނުންކުރުން ހުއްޓައިލައި
އެތަން ބަންދުކުރަން ޖެހުނެވެ. މިކަމުގެ މައިގަޑު އެއް ސަބަބެއްކަމުގައި މިލިޔުމުގައި
ލިޔުއްވާފައިވަނީ، އައްޑޫގަޑުބަޑުގެ ތެރެއިން
ދިވެހީންގެ ހިތްތަކުގައި ކެކެން ފެށި މިނިވަންކަން ހޯދުމުގެ ވަރުގަދަ
ރޫޙެވެ.
މިކަންތައްގަނޑުގެ
ތެރޭގައި ދިވެހި ސަރުކާރާއި އިނގިރޭސި ދައުލަތާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ
ސަބަބުން ދިވެހިންގެ ލޭކެކި ދިވެހީންގެ ހިތްތަކުގައިވާ ވަޠަނިއްޔަތުގެރޫޙު
ދިރިގެންދިޔަކަމަށާއި، އަދި އެދަނޑިވަޅުގައި ދިވެހި ދައުލަތުގެ ފަރާތުން ހުޅުލޭ
މަތީންދާ ބޯޓު ތިރިކުރާ ތަން އެއީ ދިވެހި-އިނގިރޭސި ގުޅުމުގެ ރަމްޒެއްގެގޮތުގައި
ނުބާއްވާ އެއީ ދިވެހި ސަރުކާރުގެ ތަނެއްގެ ގޮތުގައި ހެދުމަށް ދައުލަތުން ޤަޞްދު
ކުރައްވާ އެކަން ދިވެހިންނަށް އަންގާލުމުން ދެން މަންޒަރު ބަދަލުވެގެން
ދިޔައީ ދުވަހަކުވެސް ދިވެހިން އޭގެކުރިން
ދެކެފައިނުވާ ފަދައަކުންނެވެ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)
ލިޔުއްވާފައިވާ ގޮތުގައި މިބުރަ މަސައްކަތުގެ ތެރެއިން ދިވެހިންނަކީ ގުޅިގެން
މަސައްކަތްކުރުމުގެ ނަމޫނާ ބައެއްކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދައްކާލާފައިވެއެވެ.
[އެއަރޕޯޓް
ހެދުމުގެ މަސައްކަތް ދިވެހީންކުރީ ވަރަށްވެސް އާދަޔާ ޚިލާފު ފޯރިޔަކާއެކުގައެވެ.
ކުދިބޮޑު އެންމެންގެ ބައިވެރިވުން އާދަޔާ ޚިލާފަށް ލިބިގެންނެވެ. އެކި ބޭބޭފުޅުން
އިސްކޮށް ތިއްބަވައިގެން ބައިބައި އުފައްދަވައިގެން ބައިބައިގެ މެދުގައި ވާދައިގެ
ރޫޙާވެސް އެކުގައެވެ. އަތޮޅުތަކުގެ ނަމުގަޔާއި ރަށްރަށުގެ ނަމުގައިވެސް ހުޅުލޭ
ސްޓޭޝަން ހެދުމުގެ މަސައްކަތް ފޯރިޔާއެކު ކޮށްފައިވެއެވެ. މިކަމުގައި ދިވެހީންގެ
ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ ހުރިހާ ޖިންސެއްގެ ހުރިހާ ޢުމުރެއްގެ
އެންމެންގެ ޙިއްސާ ވެއެވެ." ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011).
ޢަބްދުލްޢަޒީޒު
ޖަމާލު އަބޫބަކުރު (2011) ލިޔުއްވާފައިވާ ގޮތުގައި ހުޅުލޭ އެއަރޕޯޓް ހެދުމަށް
އެޅުނު ފުރަތަމަ ބިންގާ އެޅުނީ 1964 ވަނަ އަހަރުގައެވެ. ދިވެހީންގެ މި ބޮޑު
ޤުރުބާނީ އެކުވެގެން ހެދުނު މަދަނީ ވައިގެ ބަނދަރު ހުޅުވުނީ 1966 އޭޕްރިލް މަހު 12 ވަނަ ދުވަހުއެވެ. އެ
ދުވަހަކީ ދިވެހީންނަށް ވަރަށްވެސް އުފާވެރި އިޙުސާސްތަކެއް ކުރެވުނު ދުވަހެކެވެ.
އެ ދުވަހު ދިވެހީން އުފާކުރިއެވެ. އެހެން ބަޔެއްގެ ނުފޫޒެއް ނެތި އަމިއްލަ
މަސައްކަތުން ދުނިޔޭގެ ޤައުމުތަކަށް ދިވެހީން މުސްތަޤްބަލުގައި އުދުހޭނޭ ވައިގެ
ބަނދަރެއް ހުޅުވުނީތީއެވެ.
މީގެއިތުރުން
ރާއްޖެއަށް 1987ގައި ދިމާވި ބޮޑުރާޅު އެރުމުގެ ކާރިޘާއާއި އެނަމާ ބޯޓް ބަންޑުން
ޖަހާލި ކާރިޘާއަކީ މިރޮގުން ފާހަގަ ކޮށްލެވޭ ދިވެހިންގެ އެކަމުގެތެރޭގައި ތަފާތުފެންވަރުގައި
ޘާމިލުވެގެން އެތައް މަސައްކަތްތަކެއް ކުރެވުނު ކާރިޘާ ތަކެކެވެ. މިހުރިހާ ކާރިޘާތަކަށްވުރެ
ބޮޑަށް ދިވެހިންގެ އެއްބައިވަންތަކަން އެންމެ ވަރުގަދައަށް ހާމަވެގެން ދިޔައީ 2004
ވަނައަހަރުގެ ޑިސެމްބަރ 24 ވަނަ ދުވަހު ދިވެހިން ތަޖުރިބާކުރި ސުނާމީގެ ބިރުވެރި
ކާރިޘާއެވެ. އަޙްމަދު މުޢާވިން (2009) ލިޔުއްވާފައިވާ ގޮތުގައި ސުނާމީގެ
ކާރިޘާއަށްފަހު އެދުވަހު ދިވެހީން ދެއްކީ ދިވެހިންގެ މެދުގައި އޮންނަ 'މައްދިވެހި'
އެއްބައިވަންތަކަމެވެ. ޤައުމު
އެކަތިގަނޑަކަށް ވީގޮތެވެ. އެންމެން
އަތުގުޅާލައިގެން ޤައުމުގައި ޙާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވެ ދިނުމަށް
ތައްޔާރުވިލެއް އަވަސްކަމާއި ދެއްކި ސާބިތުކަމެވެ. އެކެއްގެ ރުއިމަށް އަނެކަކު
އިޖާބަ ދިންލެއް އަވަސްކަމެވެ. ނަތީޖާއަކަށްވީ އެ މުޞީބާތުން ހީނުކުރާހާ އަވަހަށް
ދިވެހިންނަށް ސަލާމަތްވެވުމެވެ. އެކެއްގެ މަދަދުން އަނެކަކަށް ހިންދެމިލެވުމެވެ. ގުޅިގެން
މަސައްކަތްކުރާ އެއްބައިވަންތަކަމުގެ ރީތި މިސާލަކަށް ދިވެހިން ވެގެންދިއުމެވެ.
ދިވެހިންނަކީ
ގުޅިގެން މަސައްކަތްކުރާ ބައެއްކަން ހަމައެކަނި ހާމަވެގެންދަނީ މިފަދަ ބޮޑެތި
ކާރިޘާ ތަކާއިގުޅިގެން އެކަންޏެއްނޫނެވެ. ދިވެހި ޤައުމަށް އުފާވެރިކަމާއި
ކާމިޔާބެއްލިބުނުކަމުގައިވިއަސް އެކަންކަން ފާހަގަ ކުރުމުގައި ދިވެހިން އަބަދުވެސް
ދުނިޔެއަށް ރީތި ނަމޫނާދައްކާފައިވެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން 2008ވަނަ
އަހަރު ދިވެހިރާއްޖެއަށް ފުޓްބޯޅައިގެ ރޮގުން މިހާތަނަށް ޙާސިލުކުރެވުނު
އެންމެމަތީ ޝަރަފުކަމުގައިވާ ސާފުޗެންޕިއަންޝިޕްގެ ތަށިލިބުނު ދުވަސް
ފާހަގަކޮށްލެވެއެވެ. އެދުވަހު މުޅި ދިވެހިޤައުމު އޮތީ ޤައުމީ ކުލަކަމުގައިވާ
ރަތްކުލައިން ޖަރީވެފައެވެ. އެކަމުގެ އުފާ ޙިއްޞާނުކުރާ ދިވެހި އެންމެ
ފަރުދަކުވެސް އެދުވަހު މިދިވެހި ފަސްގަނޑު މަތީގައި ނެތެވެ. މިއުފާ ފާހަގަކުރުމަށް
ދިވެހިން ގުޅިގެން ތަފާތު އެތައްމަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ. މިދުވަސް
ސިފަކުރެއްވުމުގެ ގޮތުން މޫސާލަތިފު (2008) ލިޔުއްވާފައިވަނީ، "ކޮންމެ
ދިމާލަކުން ވެސް މިއަދު ފެންނަނީ ގައުމީ ދިދަ އެވެ. ރަތާއި ފެއްސާއި ހުދު ކުލައިގެ
ހަނދުފަޅީގެ ދިދަ، ސައިކަލްތަކުންނާއި ކާރާއި ޕިކަޕާއި ލޮރީތަކުގެ އިތުރުން މާލޭގެ
އެކި ހިސާބުތަކުގައި ވިހުރެމުން ދަނީ އެވެ. މިއީ ފުޓްބޯޅަ އީދެވެ." މޫސާ
ލަތީފު (2008، ޖޫން 14)
ނިންމުން
ތަފާތު ދާއިރާތަކުގައި ދިވެހިންނަކީ ގުޅިގެން
މަސައްކަތްކުރުމުގެ ނަމޫނާ ބައެއްކަން އިސްވެދިޔަ އެތައް ކަމަކުން
އަޅުގަޑުމެންނަށް ހާމަވެގެން ހިގައްޖެއެވެ. މިގޮތުން މިދިރާސީ ލިޔުމުގައި
އަލިއަޅުވާލައިފާ މިވަނީ ދިވެހިންގެ ކުދިކުދި ޢާއިލާ ތަކުންފެށިގެން
ފުޅާވަމުންގޮސް ދިވެހި މުޅި ޤައުމު ހިމެނިގެންދާ ގޮތުން ދިވެހިންނަކީ ގުޅިގެން މަސައްކަތްކުރުމުގެ
ނަމޫނާ ބައެއްކަން ފާހަގަކުރެވޭ ބައެއްކަންތައްތަކުގެ މައްޗަށެވެ. މިގޮތުން ފާހަގަ ވެގެން ދިޔަ އެންމެ ބޮޑު
ޙަޤީޤަތަކީ، ބައެއްކަންކަމުގައި ދިވެހިންގެ ޙިޔާލު ތަފާތުވިއެއްކަމަކު ޤައުމީ
ގިނަކަންކަމުގައާއި އިންސާނީ އެހީއަށް ބޭނުންވާ ހުރިހާ ހިނދަކުވެސް ދިވެހިން
ދައްކާފައިވަނީ ދިވެހިންނަކީ ގުޅިގެން މަސައްކަތްކުރުމުގެ ނަމޫނާ ބަޔެއްކަމެވެ.
އުފަލާއި ހިތާމައިގެ ވަގުތުގައި ދިވެހިން މަސައްކަތް ކޮށްފައިވަނީ އެމީހުންނަކީ އެއްބަނޑު
އެއްބަފާބައެއްކަމުގައެވެ. އެކަކު އަނެކަކަށް ގުޅިލާމެހި ބަދަހިވެފައިވާ ބައެއްގެ
ގޮތުގައެވެ. މިއީ ދިވެހިން އެއްދީނެއްގައި އެއްވިސްނުމެއްގާ މާތްވެގެންވާ
އިސްލާމްދީނުގެ މަތިވެރި ވައުފަށުގައި ގަދަޔަށް ހިފަހައްޓައިގެން ތިބިކަން
ރަމްޒުކޮށްދޭ ހެއްކެކެވެ.
އާދަމް
ހަލީމް (2009) ހާމަކުރައްވާ ގޮތުގައި، މިކުޑަކުޑަ ދިވެހިރާއްޖެއަކީ، ވަރަށް
ސުލްޙަވެރި، އުފާވެރި ދިރުއުޅުމެއް އުޅޭ ބަޔަކު އުޅޭ ޤައުމެއްކަމަށް އެކި
ޒަމާންތަކުގައި މިރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ސައްޔާހުން
ވިދާޅުވެފައިވެއެވެ. ދިވެހިންގެ އެއްބައިވަންތަކަމުގެ ބޮޑު ދައުރު ވަރަށް
ރަނގަޅަށް ދޭހަކޮށްދީ ތައުރީފުކޮށްފައިވެ އެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި
ދިވެހިންގެ ހިތްހެޔޮކަމާއި މެހެމާންދާރީ އާއި ސާފުތާހިރު ކަމާއި ރިވެތި އަޚްލާގީ
ސިފަތަކުގެ ވާހަކަ ލިޔެފައިވުމަކީ ދިވެހިންގެ ފަހުރެކެވެ. ވަކިންޙާއްޞަކޮށް
ދިވެހިންނަކީ ގުޅިގެން މަސައްކަތް ކުރުމުގައި ނަމޫނާ ބައެއްކަން
ފާހަގަކުރައްވާފައިވެއެވެ. އެފަދަ ބޭބޭފުޅުން ލިއުއްވާފައިވާ ފޮތްތަކުގައި
ދިވެހިންނަށް ނުހަނު މަތިވެރި ތަޢުރީފްކޮށްފައި ހުރެއެވެ. އާދެ! ދިވެހިންނަކީ
ދިވެހިންކުރާ ކޮންމެ މަސައްކަތެއްގައިވެސް އެއްބަޔަކު އަނެއްބަޔަކަށް ގުޅިގެން އެއްބާރުލުން
ދީ އެކަކުގެ މަދަދުން އަނެއްކަކު ހިންދެމިލުމަށް އަބަދުވެސް އެދޭ ހީވާގި، ހިތްހެޔޮ
ނަމޫނާ ބެއެކެވެ.
ރިފަރެންސް
އަހުމަދު ޝަފީޤު. (2000،
އޭޕްރީލް). ޚިތާނުކުރުން. ދަންފުޅި،
79-80.
އާދަމް ހަލީމް. (2009). ގައުމީ ސަފުތައް އަލުން ރުކުރުވައިލުމަށް މަސައްކަތްކުރަން
ޖެހިފައި. ހަވީރު. ނެގީ http://www.haveeru.com.mv/dhivehi/report/84030 ން
އަޙުމަދު ޙުސެއިން. (ތ.ނ).
ތަރައްޤީގެ ކަންކަން ރާވާހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދުން. ރިޕޯޓް.
ނެގީ ންhttp://www.youblisher.com/p/862500-Peoples-participation-in-island-development/
އަޙްމަދު ނާފިޢު. (2011). ދިވެހިންގެ އިޖުތިމާޢީ ފޭރާން ވީދިގެން ދަނީ
ހެއްޔެވެ؟. ފަންވަތް، ނެގީ http://w.fanvai.info/dhivehi/ijuthimaaee/1968-2011-01-22-09-31-26 ން
އަޙްމަދު މުޢާވިން. (2009). ދިވެއްސަކަށް ވީތީ ފަޚުރުވެރިވަމާތޯ! ފަންވަތް، ނެގީ http://www.fanvai.info/dhivehi/ijuthimaaee/755-2009-05-19-20-27-04 ން
ޢަބްދުﷲ ޙަމީދު. (1966). ވިޔަފާރިމިއަދު.
މާލެ: ސަރުކާރު ޗާޕުޚާނާ
ޢަބުދުލް މަތީނު. (2005،
ޖެނުއަރީ). މުލަކަތޮޅު މަޑިފުށި ފަޅުވުން. ފަތްތޫރަ 310،38-46.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު. (2011). ހުޅުލޭ އެއަރޕޯޓް: ރައްޔިތުން
ގުޅިގެން ކުރި ޤައުމީ މަސައްކަތެއް. ފަންވަތް، ނެގީ http://www.fanvai.info/dhivehi/thaareekh/2034-2011-03-09-19-52-58 ން
ޢަލީ ސުލައިމާނު. (2012، ޖޫން 16). ދިވެހިންގެ ތެރޭގައި
ޒަމާނުއްސުރެ އޮތް އާއިލީ ގުޅުންތައް ކެނޑިގެން ދިޔައީ ކީއްވެ؟ ނެގީ http://alisulaimanu.blogspot.com/2012/06/blog-post.html ން
މުޙައްމަދު އިބްރާހިމް ލުޠުފީ.
(1991 އޯގަސްޓް). އިބުނު ބަޠޫތާ ދިވެހިރާއްޖޭގައި، މަލަސް 32. މާލެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
މުޙައްމަދު އިސްމާއިލް ދީދީ.
(1995). ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ، މަލަސް 34. މާލެ. ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
މޫސާ ލަތީފު. (2008، ޖޫން 14). މުޅި މާލެ؛ ގައުމީ
ދިދައިން ފުރިފައި. ހަވީރު. ނެގީ http://www.haveeru.com.mv/dhivehi/sports/63515 ން
ޒުލްފާ އިބްރާހިމް. (2006،
ފެބުރުއަރީ). ދިވެހިންގެ އެރީތި މާޒީ. ފަތްތޫރަ 323، 17-21.

No comments:
Post a Comment